"މަތީ އަރުތަވެރީންގެ އިނާމު 2025" ރަސްމިއްޔާތުގެ ފުރުތަަމަ ދަންފަޅި މިއަދު ފަށައިފި

11 ޖުލައި 2026

2024 އަދި 2025 ވަނަ އަހަރު ބޭއްވި ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތު މިއަދު ފަށައިފިއެވެ.

ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ރަސްމިއްޔާތު ބާއްވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ  އެޑިޔުކޭޝަން-ހުޅުމާލެ (ސީ.އެސް.އެސް.ސީ)ގައެވެ.  އެގޮތުން، މި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑޮކްޓަރ ޢަލީ ޒާހިރެވެ. މި ދަންފަޅީގައި އިނާމު ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޘާނަވީ އިމްތިހާނުތަކުން  8 ވަނަ، 9 ވަނަ އަދި 10 ވަނަ ހާޞިލުކުރި ދަރިވަރުންނަށެވެ.

މި ރަސްމިއްޔާތުގައި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފަޚުރުވެރި ކާމިޔާބީތައް ހޯދި ޖުމްލަ 1,400 އެއްހާ ދަރިވަރުންނަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގެ ކުރިއަށް ހުރި ދަންފަޅިތައް މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.