"އެލައިޑް ހެލްތު ޕްރޮޕެޝަނަލްސް"ގެ ދާއިރާއިން 955 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

17 އޮކްޓޯބަރު 2026
...

"އެލައިޑް ހެލްތު ޕްރޮފެޝަނަލްސް" ގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް 955 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓަރސް އަށް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ގޮތުގައި 1500 ދަރިވަރުން ތަމްރީނުކުރުމުގެ މަޝްރޫޢުއެއް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން އިޢުލާނުކުރި މި ސްކޮލަރޝިޕްގެ ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފައްދާ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ބޭރު ޤައުމުތަކުގެ ސިއްޙީ މާހިރުންނަށް ބަރޯސާވާންޖެހޭ މިންވަރު މަދުވެ، ދިވެހީންނަށް މި ދާއިރާއިން ވަޒީފާގެ ފުރުޞަތު އިތުރުކުރުމެވެ. 

މިތަމްރީނު ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ޞިއްޙީ ހިދުމަތްދިނުމުގައި މިހާރު ހަރަކާތްތެރިވާ މުވައްޒަފުންނަށާއި އެލައިޑް ހެލްތް ދާއިރާގެ ވަޒީފާތަކަށް ނުކުންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށެވެ.

މި ސްކޮލަރޝިޕް ސްކީމާ ގުޅޭ އިތުރު މަޢުލޫމާތު، މި މިނިސްޓްރީގެ 'ކުރި" ޕޯޓަލް (https://kuri.gov.mv/) މެދުވެރިކޮށް ލިބެންހުންނާނެއެވެ. އަދި މި ސްކޮލަރޝިޕްއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 31 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.