ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "މަތީ އަރުތަވެރިގެ އިނާމު 2025" ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން-ހުޅުމާލެ (ސީ.އެސް.އެސް.ސީ)ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އިނާމު ޙަވާލުކޮށްފައިވަނީ މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ 10 އެއްގެ 10 ވަނައިން ފެށިގެން 4 ވަނައާ ހަމައަށް ވަނައަށް ޙާޞިލުކުރި 304 ދަރިވަރުންނަށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އިސްމާޢީލް ޝަފީޢު، އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"މަތީ އަރުތަވެރިންގެ އިނާމު 2025" ރަސްމިއްޔާތު މިއަހަރު ކުރިއަށްދަނީ ފަސް ދަންފަޅިއަކަށް ބަހައިލައިގެންނެވެ. މި ދަންފަޅިތަކުގައި ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ދުނިޔޭގެ ފެންވަރުގެ ވަނަތައް ޙާޞިލުކުރި 1400އެއްހާ ދަރިވަރުންނަށް އިނާމު ޙަވާލުކުރާނެއެވެ.