މުދައްރިސުންނަކީ ޝަރަފާއި، ޢިއްޒަތާއިއެކު ޤައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއް: މިނިސްޓަރ

05 އޮކްޓޯބަރު 2026
...

މުދައްރިސުންނަކީ ޝަރަފާއި، ޢިއްޒަތާއިއެކު ޤައުމީ ވަރަށް ބޮޑު ވާޖިބެއް އަދާ ކުރާ ބައެއް ކަމަށް މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙާއްޞަ ޚިޠާބުގައެވެ. މި ޚިޠާބުގައި މިނިސްޓަރ ވަނީ މުދައްރިސްކަމުގެ ފަންނުގެ މަތިވެރިކަމާއި، އެ ފަންނު ހިމާޔަތްކުރުމުގައި މުދައްރިސުންނާއެކު ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

މިނިސްޓަރ ވިދާޅުވި ގޮތުގައި ޢިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މުދައްރިސުންނަށް ލިބެންޖެހޭ ޤަދަރާއި އިޙްތިރާމް މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. 

"މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ މުދައްރިސުން ކަމުގައިވާތީ، އެބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި، ހުނަރާއި މަސައްކަތުގެ އަޚުލާގު ލިބިފައިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ޒަމާނީ ބަދަލުތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ވުމަށް މުދައްރިސުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ކޮންމެ މުދައްރިސެއްގެ ވެސް އަޒުމަކަށްވާންވާނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން، ދަރިވަރުންގެ ހިތްތަކުގައި އުނގެނުމަށް ލޯބިޖައްސުވާ، ދިރުއުޅުމަށް ތައްޔާރުވެފައިވާ، ޒިންމާދާރު، އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާ ކުރުމަށް މަސައްކަތްކުރުމަށްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ޚާއްސަ ޝަރަފަކާއި ޤަދަރެއް ދެވިފައިވާ ބަޔަކަށް ހެދުމަށް އުންމީދުކުރައްވާކަމަށާއި، އަދި މުދައްރިސްކަމަކީ މާތް މަތިވެރި މަސައްކަތެއްކަމުގައި ބަލައިގަނެ، އެފަންނަށް ދޭންވާ ހައްޤު ޝަރަފު ދިނުމަށްޓަކައި މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް އެދިލެއްވިއެވެ.