މިނިސްޓަރ، ބ. ހިތާދޫ ސްކޫލުގެ އަލިމަސް ޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

12 ސެޕްޓެމްބަރު 2026

ބ. ހިތާދޫ ސްކޫލުގު އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ސްކޫލުތަކަށް ލިބޭނެ ޙަޤީޤީ ކާމިޔާބަކީ ޢިމާރަތަށް ގެނެވޭ ޒަމާނީ ބަދަލުތަކެއް ނޫންކަމަށާއި، އެއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދޭނެފަދަ ހުނަރުވެރި ދަރިންތަކެއް ސްކޫލުން އުފެދިގެން ދިއުން ކަމަށެވެ. 

"އެކި ޖީލުތަކަށް ދެމިގެން ގޮސްފައިވާ މި އަމާނާތަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވި ހުރިހާ ވެރިންނަށާއި، ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންހެ އިތުރުން ރަށުގެ އެންމެހާ ރައްޔިތުންގެ އަގުވަޒަންކޮށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން،" މިނިސްޓަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ހިތާދޫ ސްކޫލަށް ދިގު މުއްދަތަށް ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލާ އަރުވާފައިވެއެވެ. 

ބ. ހިތާދޫ ސްކޫލަކީ 17 އެޕްރީލް 1951 ވަނަ އަހަރު، 204 ދަރިވަރުންނާއެކު މަކްތަބުގެ ނަމުގައި ބ. ހިތާދޫގައި ހުޅުވި ސްކޫލެކެވެ. އެއަށް ފަހު 1998 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ހިތާދޫ ސްކޫލުގެ ނަމުގައި އެ ސްކޫލު ރަޖިސްޓަރ ކޮށް، 2004 ވަނަ އަހަރު ވަނީ ސަރުކާރު ސްކޫލަކަށް ބަދަލުކޮށްފައެވެ. މިއަދު އެ ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.