ޔުނެސްކޯގެ ދެކުނު އޭޝިއާ ސަރަހައްދީ އޮފީހާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) ގުޅިގެން "ކްލައިމެޓް ޗޭންޖް ކޮމްޕީޓެންސީ ފްރޭމްވޯކް ފޯ އެޑިއުކޭޓާސް (ސީ3އެފްއީ)" ގެ ނަމުގައި ޚާއްޞަ ޓްރެއިނިންގ އެއް ބާއްވައިފިއެވެ.
މި ވޯކްޝޮޕްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ އަދި ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަމާ އެއްގޮތަށް، ޓީޗަރ ޓްރއިނިންގ މޮޑިއުލްތައް ތަރައްޤީކޮށް ޕައިލެޓްކުރުމަށްޓަކައި މުދައްރިސުން ތަމްރީނުކޮށް، އެ ބޭފުޅުންގެ ޤާބިލުކަން އިތުރުކުރުމެވެ.
މި ވޯކްޝޮޕްގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޔުނިވަރސިޓީ އިންސްޓިޓިއުޓް ފޯ ދަ އެޑްވާންސްޑް ސްޓަޑީ އޮފް ސަސްޓެއިނަބިލިޓީ (ޔޫ.އެން.ޔޫ-އައި.އޭ.އެސް) ގެ ޑރ. ނަފީސާ އިންސެބަޔޭވާ އާއި ޑރ. ޖިއޯ މިއޯލްގެ އިތުރުން ޔުނެސްކޯގެ ދެކުނު އޭޝިއާ ސަރަހައްދީ އޮފީހުގެ އަބީނާވް ކުމާރެވެ.
މި ވޯކްޝޮޕްގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތައުލީމު ފޯރުކޯށްދިނުމުގައި ދިނުމުގައި މުދައްރިސުންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް މުހިންމު ފުރުސަތެއް ލިބިގެންދިޔައެވެ. މީގެ އިތުރުން، އުނގެނުމާއި އުނގަންނައިދިނުމުގެ ތެރޭގައި މޫސުމާ ގުޅުންހުރި ކަންކަން ހިމެނުމަށް ކުރެވޭ މަސައްކަތްތަކަށް މި ބައްދަލުވުމުގެ ސަބަބުން ބާރުލިބިގެންދިޔައެވެ.