"ޑިވެލޮޕިންގ އަ ކޮމަންވެލްތު ކްރެޑިޓް ޓްރާންސްފަރ ފްރޭމްވަރކް: މައިކްރޯ-ކްރެޑެންޝަލްސް އިން އަ ޑިޖިޓަލް އޭޖް" ގެ އޭޝިއާ ސަރަޙައްދީ ބައްދަލުވުމުގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ.
އޭޕްރިލް 14 އިން 15 އަށް، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ކުރިއަށްދާ މި ބައްދަލުވުން އިންތިޒާމުކުރީ ކޮމަންވެލްތު އޮފް ލަރނިންގ (ސީއޯއެލް) އާއި މެލޭޝިއާގެ އޭޝިއާ އީ ޔުނިވަރސިޓީ ގުޅިގެންނެވެ.
ދެ ދުވަހުގެ މި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ފާތިމަތު ޝިނާޒު މޫސާއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ކޮމަންވެލްތުގެ ފެންވަރުގައި މައިކްރޯ-ކްރެޑެންޝަލިންގގެ އާދަކާދަތަކާ ބެހޭގޮތުން ކުރެވުނު ދިރާސާތަކުގެ ހޯދުންތައް ހިއްސާކުރުމާއި، ޢަމަލީގޮތުން ބޭނުންކުރެވޭނެ ކްރެޑިޓް ޓްރާންސްފަރ އޮނިގަނޑެއް އެކުލަވާލުމަށް މަސައްކަތްކުރުމެވެ.
މި ބައްދަލުވުމުގެ ނަތީޖާތަކުން ކޮމަންވެލްތުގެ މުޅި ސަރަޙައްދަށް ހިނގާ އޮނިގަނޑެއް އެކުލަވާލުމަށް އެހީތެރިވެދޭނެއެވެ. އަދި ހަމައެއާއެކު ތަޢުލީމީ ނިޒާމުގެ ފެންވަރާއި، ލިބެން ހުންނަ މިންވަރާއި، އަދި އެއް ތަނުން އަނެއް ތަނަށް ގެންދެވޭ މިންވަރު އިތުރުކުރުމުގެ ޤާބިލިއްޔަތު ވަރުގަދަކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.