ސްކޫލަށް ނުދާ ކުދިންގެ ތަފާސްހިސާބުގައި އޮޅުންއަރާފަދަ މަޢުލޫމާތު ހިމެނިފައިވޭ - އެޑިޔުކޭޝަން މިނިސްޓަރު

12 މޭ 2025
...

އެޑިޔުކޭޝަން މިނިސްޓަރު ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 9000 އަށްވުރެ ގިނަ ކުދިން ސްކޫލަށް ނުދާކަމަށް ދައްކުވައިދޭ ތަފާސްހިސާބުތަކުގައި އިޞްލާޙުކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
 
މިނިސްޓަރުގެ ވާހަކަފުޅުގައި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރެފައިވާ ތަފާސްހިސާބުތަކުގައި 2 އަހަރާއި 3 އަހަރުގެ ކުދިންވެސް ހިމަނާފައިވާކަން ފާހަގަކުރައްވައި، މިއީ ތަޢުލީމުގެ ޤާނޫނުގެ ދަށުން ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ކުދިން ނޫންކަން ވިދާޅުވެފައިވެއެވެ.
 
"ތަޢުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ އެކަށީގެންވާ ގޮތެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
 
މީގެއިތުރުން، މިނިސްޓަރު ވަނީ ކުރިން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރެފައިވާ ރިޕޯޓެއްގައި 2022 ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަކުރެވިފައިވަނީ 229 ކުދިންކަމަށް ވިދާޅުވެފައެވެ. މީގެ ތެރެއިން މާލެއިން 85 އަދި އަތޮޅުތެރެއިން 144 ކުދިން ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
 
އެޑިޔުކޭޝަން މިނިސްޓްރީން އަބަދުވެސް އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަމުންދާކަން މިނިސްޓަރު އިތުރަށް ފާހަގަކުރެއްވިއެވެ.
 
މީގެއިތުރުން، ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވެރިކުރެވޭ މިންވަރު މަތިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިގޮތުން މިދިޔަ އަހަރު 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފަށާފައިވާކަމަށާއި، މި އަހަރު އެ ޕްރޮގްރާމް އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ތަންފީޒުކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
 
"މާތްﷲގެ ވާގިފުޅާއެކު، ޒަމާނުއްސުރެ މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި އާދަކާދަ ނައްތާލުމަށް މަސައްކަތްކުރާނަމެވެ." މިނިސްޓަރު ވިދާޅުވިއެވެ.