"ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" އެޑިޔުކޭޝަން މިނިސްޓްރީ ބައިވެރިވެއްޖެ

12 މޭ 2025

ކުޑަކުދިންގެ ޢަދުލުގެ ޤައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ބައިވެރިވެއްޖެއެވެ. މި މަހާސިންތާ ކުރިއަށްދަނީ މޭ 10 އިން 12 އަށް، ޔުނިސެފްގެ އެހީތެރިކަމާއެކު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިންތިޒާމުކޮށްގެންނެވެ.
 
މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ފުރަތަމަ ކޮންފަރެންސްއެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާއި، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކާއި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ހިމެނެއެވެ.
 
މީގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަކީވެސް މި މަހާސިންތާގެ މުހިންމު މަޤްޞަދެކެވެ.
 
މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޛްކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
 
މިއަދުގެ ޕެނަލް ޑިސްކަޝަންގައި މޮޑަރޭޓަރަކަށް ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒައެވެ. އަދި ޕެނަލިސްޓުންގެ ގޮތުގައި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު އަދި މުހިއްޔުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކް ބައިވެރިވެވަޑައިގެންނެވިއެވެ.