ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ޖުލައި މަސްތެރޭގައި ފަށްޓަވާނެކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޓީ.ވީ.އެމްގެ އަހާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ދާއިރާގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ތިބި ނަމަވެސް މިހާތަނަށް އައިއިރު އެކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަޞީލަތްތައް ޤާއިމުވެފައި ނެތް ކަމަށެވެ. އަދި މިހާރުވެސް މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް 600 އެއްހާ މުދައްރިސުން ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އިތުރަށް މިނިސްޓަރ ވިދާޅުވިގޮތުގައި ތަޢުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީވެގެން ނުދާނެ ކަމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދިނުމަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް މިނިސްޓްރީއިން މަސައްކަތްކުރަމުންދާނެ ކަމަށެވެ.
ތަމްރީނުވެފައި ތިބި ފެންވަރު ރަނގަޅު މުދައްރިސުން ނުލިބުމަކީ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ޙައްލު ހޯދުމުގެ ގޮތުން މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި ރަށްތަކަށް ޚާއްޞަކޮށް މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްއެއް މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީއިން ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މުދައްރިސްކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 135 ސްކޮލަރޝިޕް ދެވިފައިވެއެވެ.