ސިޔާސަތަކީ ހަމަހަމަކަމާއެކު، ރައްކާތެރި މާހައުލެއްގައި ތަޢުލީމު ފޯރުކޮށްދިނުން: މިނިސްޓަރ

13 މޭ 2025
...

ހަމަހަމަކަމާއެކު، ރައްކާތެރި މާހައުލެއްގައި ތަޢުލީމު ފޯރުކޮށްދިނުމަކީ ތަޢުލީމީ ވުޒާރާގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިހެން ވިދާޅުވީ "އަހާ"ގެ 5 ވަނަ ފޯރަމްގައި ބެލެނިވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.   
އެގޮތުން ބައެއް ސްކޫލްތަކުން ދަރިވަރުންގެ ފެންވަރަށް ބަލައި ވަކި ކްލާސްތަކަށް ބަހާލައިގެން ކިޔަވައިދޭ ކަމަށާއި، އޭގެ ސަބަބުން ބައެއް ދަރިވަރުންނަށް ފުރައްސާރައާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ބެލެނިވެރިޔާ ވަނީ ޙިއްޞާކޮށްފައެވެ. އަދި ސްކޫލުތަކުން އެފަދަ ކަންކަން ކުރާ އިރު ސްކޫލް މެނޭޖްމަންޓަށް ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ސުވާލުއުފެއްދިއެވެ. 


މި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވަނީ ސްކޫލު މާހައުލުގައި އެފަދައިން ކުދިންގެ ބާކީކޮށް, ފުރައްސާރައަށް ހުށަހެޅިގެންދާނެ ފަދަ ކަންކަން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 


"ދަށް ކުދިން ވަކި ކްލާސްތަކަށް ލާފަ މޮޅެތިކުދިން ވަކި ކްލާސްތަކަށް ލާފަ، ލިމިޓެޑް ކޮށް އިހުގެ ސިޔާތަށް ނޫން (ސްކޫލުތައް) އޮންނާނީކީ އެއް. މިފަދަ ފުރުޞަތެއް މިނިސްޓްރީއަކުން ނުދޭނެ،" މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެފަދަ މަޢުލޫމާތެއް މިނިސްޓްރީ އަށް ލިބިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. 
" ތަޢުލީމީ ވުޒާރާގެ މައިގަނޑު ސިޔާސަތަކީ ހަމަހަމަކަމާއެކު، ރައްކާތެރި މާހައުލެއްގައި ތަޢުލީމު ފޯރުކޮށްދިނުން" މިނިސްޓަރ ވިދާޅުވިއެވެ.