މާލެ ސަރަޙައްދުގެ 17 ސްކޫލަކުން 60 މުދައްރިސުން ބައިވެރިވި "ބްރައިޓް ހޮރައިޒަންސް ފޯ އިންކްލޫސިވް އެޑިއުކޭޝަން" ނަމަކަށް ކިޔާ ޚާއްޞަ ވޯކްޝޮޕެއް ޢިމާދުއްދީން ސްކޫލުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އިންޑިއާގެ މައިޕީގޫއާއި ގުޅިގެން ބޭއްވި މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ މައިޕީގޫގެ ފައުންޑަރ އަދި ސީއީއޯ ޗެތަން ޖައިސްވާލްއެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ އުނގެނުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންނަށް އެހީތެރިވުމުގައި ސްކޫލްތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމެވެ. އެގޮތުން، ކޮންމެ ކުއްޖަކަށް ވަކިން އަމާޒުކޮށްގެން ތައްޔާރުކުރާ "އިންޑިވިޖުއަލައިޒްޑް އެޑިއުކޭޝަން ޕްލޭން" އެކުލަވައިލުމާއި، ޝާމިލުކޮށްގެން ކިޔަވައިދޭ ކްލާސްރޫމްތަކުގައި ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތާއި އުކުޅުތައް މި ބައްދަލުވުމުގައި ވަނީ ޙިއްޞާކޮށްފައެވެ.
މީގެ އިތުރުން، މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދިޔަ މަޝްވަރާތަކާއި ޢަމަލީ ތަމްރީނުތަކުގައި، ފިލާވަޅުތައް ރާވައި ތަރުތީބުކުރާނެ ގޮތްތަކާއި، ކިޔަވައިދިނުމުގެ މެތޮޑޮލޮޖީއަށް ގެންނަންޖެހޭ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި ދަރިވަރުންގެ ތަފާތު ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އިޖާބަދޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މުދައްރިސުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ.