ސްރީލަންކާގެ ކޭ.އައި.ޔޫ (KIU) ޔުނިވަރސިޓީގައި 2026 ފެބުރުވަރީ 9 އިން 14 އަށް ކުރިއަށްގެންދާ "މޯލްޑިވްސް އެސް.އީ.އެން ޓީޗާސް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް" ގައި ސެން 40 މުދައްރިސުންނާއި 3 އޮފިޝަލުން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ޒަމާނީ އިލްމާއި އަމަލީ ހުނަރުތަކުގެ އެހީގައި، އެންމެން ބައިވެރިކޮށްގެން ކިޔަވައިދިނުމުގެ ފަންނީ ގާބިލުކަން ސެން މުދައްރިސުންގެ ކިބައިގައި އިތުރުކުރުމެވެ. މި ތަމްރީނުތަކުގެ ތެރޭގައި ހާއްސަގޮތެއްގައި އޭ.އެސް.ޑީ އަދި އޭ.ޑީ.އެޗް.ޑީ ފަދަ ހާލަތްތައް ކުރީބައިގައި ދެނެގަންނާނެ ގޮތްތަކާއި، ކްލާސްރޫމް މެނޭޖްމަންޓްގެ އުކުޅުތަކުގެ އިތުރުން، ބެލެނިވެރިންނާއި ކަމާގުޅޭ މާހިރުންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކަށް އަލިއަޅުވާލެވޭނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން މުދައްރިސުންނަށް ލެކްޗަރތަކާއި މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، ކްލިނިކަލް އަދި އިންކްލޫސިވް އެޑިއުކޭޝަން މަރުކަޒުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާ ހޯދައި، ރާއްޖޭގެ މަދަރުސާތަކުގައި ބޭނުންކުރެވޭނެ އަމަލީ އުކުޅުތައް ދަސްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.