މެލޭޝިއާގެ އިންސްޓިޓިއުޓް އަމީނުއްދީން ބާކީ (އައި.އޭ.ބީ) ގައި ކުރިއަށްގެންދާ "ޑިޖިޓަލް ލީޑަރޝިޕް" ބައިނަލްއަޤުވާމީ ޢިލްމީ ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްގައި 32 ލީޑިންގ ޓީޗާރުން ބައިވެރިވެއްޖެއެވެ.
ފެބްރުއަރީ 9 އިން 14 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ "ލީޑިންގ ޓީޗާރސް ވާރކްޝޮޕް ސިލްސިލާ" ގެ މުހިންމު ބައެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް ލީޑަރޝިޕާއި، ސުޕަވިޜަން ނުވަތަ ބެލެހެއްޓުމުގެ އުސޫލުތަކުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް އަހުލުވެރިވުމުގެ ހުނަރުތައް ތަރައްޤީކުރުމެވެ. މީގެ އިތުރުން، ސްކޫލްތައް ހިންގުމުގައާއި ކިޔަވައިދިނުމުގެ މައިދާނުގައި އޭ.އައި ފަދަ ޒަމާނީ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ އުކުޅުތަކާ ގުޅޭގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދެވޭނެއެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ޢިލްމީ ލެކްޗަރުތަކާއި، މަޝްވަރާ ބައްދަލުވުންތަކުގެ އިތުރުން، މެލޭޝިއާގެ ސްކޫލްތަކަށް ބިނާކޮށް ކުރެވޭ އެސެސްމަންޓްތަކާއި ދެ ޤައުމުގެ ދެމެދުގައި ޑިޖިޓަލް ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތައް ހިމެނެއެވެ.