މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ ޖުލައި މަހުގެ 11 އަދި 12 ގައި ބާއްވަނީ

09 ޖުލައި 2026
...

2024 އަދި 2025 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ޙަވާލުކުރުމުގެގޮތުން ބާއްވާ "މަތީ އަރުތަވެރިންނަށް އިނާމު ދިނުން 2025" ޖަލްސާ، ޖުލައި މަހުގެ 11 ވާ ހޮނިހިރު އަދި 12 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން-ހުޅުމާލެ (ސީ.އެޗް.ސެސް.ސީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި، ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ޙަވާލުކުރެވޭނެއެވެ. މީގެ އިތުރުން، މަތީ ޘާނަވީ އިމްތިހާނުން އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ ސްކޮލަރޝިޕް ޙަވާލުކުރައްވާއިރު، ހުރިހާ މާއްދާއަކުން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހޯދި ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަރޝިޕް ޙަވާލުކުރައްވާނެއެވެ. 

މި ޖަލްސާގައި، ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން ފާހަގަކޮށްލެވޭ ފަދަ މަތީ ކާމިޔާބީތަކެއް ހޯދާފައިވާ 1400 ވުރެ ގިނަ ދަރިވަރުންގެ އަގުވަޒަންކުރުމަށް ވަނީ ހަމަޖެހިފައެވެ.